ކެހިވެރިކަމުގެ ހާއްޔެކެވެ.

ލިޔުނީ: އަޙުމަދު އަރީފް (ފ.ނިލަންދޫ)
4 އޯގަސްޓް 2010

1989 ވަނަ އަހަރުގެ ފަހުކޮޅެވެ. ދިއްދޫގެ މަގުތައް ފަޅެވެ. ދުއްވާއެއްޗެއް ފެންނަނީ މަދު ފަހަރަކު އެވެ. ރަށުގައި ބައިސްކަލު ގެންގުޅެނީ ކޮންބައެއްކަން ބުނެދޭން އެނގޭހާ މަދެވެ. ރަށުގެ ބޮޑުމަގުގެ މެދުގައި ހުރެފައި ބަލައިލިޔަސް، މެންދުރު ވަގުތު ވެސް، ދެ ކޮޅުން މޫދު ފެންނާނެ އެވެ. މީހުން މަދުކަމުންނެވެ. ދޭތެރެދޭތެރެއިން ބާ ގާޑިޔާގަނޑެއް ނޫނީ ދައްކައެއް ނުލައެވެ. ރަށުގައި މާގިނަ ކުޅިވަރުތަކެއް ކުޅެ ނޫޅުނަސް، ކުޅޭ އެއް ކުޅިވަރެއް އޮވެއެވެ. އެއީ، ލޯބީގެ ކުޅިވަރެވެ. ރައްޓެހިވުމާއި ރުޅިވުމެވެ. އިނުމާއި ވަރިކުރުމެވެ. އެންމެ މަޝްހޫރު ކަމަކީ، ދަތުރުވަރުތަކުގައި ރަށަށް އަރާ މީހުންގެ ލޯބި ކާމިޔާބު ކުރުމެވެ. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް މިކުޅިވަރުގެ ފޯރި ނަގައެވެ.

އުމުރުން 28 އަހަރުގެ ހަދީޖާއަކީވެސް މިބުނި ކުޅިވަރުގެ ފޯރި ނިކަން ރަނގަޅަށް ދަންނަ މީހެކެވެ. އޭނާއަކީ ހަށި ހެދިހުރިގޮތުން ނިކަން ހެއުވަރުގެ ބަނޑެއް އޮންނަ އަންހެނެކެވެ. އެހެންނަމަވެސް، މީގެ ނުވަމަސްކުރިން އެންމެ ދެދުވަހަށް، ރަށަށް އެރި ދަތުރުވެރިއެއްގެ ހައްޔަރުގައި އޭނާއިންކަން ނުދަންނަ ހަމައެކަކުވެސް ދިއްދޫ ފަސްގަނޑުމައްޗަކު ނޫޅެއެވެ. ހަލާލެއް ހަރާމެއް ބެލުމެއްނެތި ލިބުނު މާ ފައްކާ އަރާމަކަށް ހެއްލިގެން އުޅެނިކޮށް މިފަހަރު ލިބުނު ލަދުން ސަލާމަތްވާނެގޮތަކާމެދު ހަދީޖާ އޭނާގެ ހުރިހައި ވަގުތެއް ހުސްކޮށްލައެވެ.

ހަނދުގެ ފަނޑު އަލިކަމެއް ދުނިޔެމައްޗަށް ވެރިވެފައިވާ ރޭތަކުގެ ތެރެއިން ރެއެކެވެ. މެދުދަން ފާއިތުވެ މެންދަމަށް މިސްރާބު ޖަހަނީއެވެ. މުޅި ރަށްވަނީ ހަމަހިމޭންވެފައެވެ. ހާލާއި ކުކުޅުތައް ހާއްޔަށް ވަދެ ބޮނދައިފިއެވެ. މަދުގެއަކުން ނުނީ އަލިކަމެއް އެވަގުތަކު ނުފެންނާނެއެވެ. އެއްކޮނޑަށް ތުވާއްޔެއް އެއްލައިގެން ގޯތީގެ ވަލުދޮރާށިން ނިކުމެގެން ހަދީޖާ ވަލާ ދިމާއަށް ހިނަގައިގަތީ ތަރިޖެހި ކޮތަޅަކަށް ބޭނުންވާ ސާމާނު އަޅައިގެންނެވެ. ހިސާބަކީ މީހުން މަދު، ފަޅުކަމެއް ވެރިވެފައިވާ ހިސާބަކަސް ރޭގަނޑުގެ އެކަނުކަމުގެ ތެރެއިން އެއްވެސް ވަރެއްގެ ބިރުވެރިކަމެއް އޭނާއަކަށް އިހުސާސެއް ނުކުރެވުނެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެތެރެއިން ހިނގާފައިދިޔައިރު ހީވަނީ އެއީ އާދަވެ ހަދީޖާ ހިނގާ މަގެއް ހެންނެވެ. އާންނނ… މިހާރަކު އެއްވެސް މީހެއްގެ ހިލަމެއް ނުވެ”އޭ ބުނިކަހަލައެވެ. ދެފައިވައްކޮށްލާފައި އިށީނީ ވަށައިގެން ކަށިކެއުގަސް ހެދިފައިވާ ކަށިކެއު ފީންޏެއްގެ މެދުގައެވެ. ހާލިގައެވެ.

އެކަނުކަމުގެ ތެރޭގައި ހަދީޖާ އޭނާގެ މަސައްކަތްގަނޑު ފަށައިގަތެވެ. ވިހައިގޭތެރޭ ފޫޅުމަޔަކަށްވުރެ އަތްމަތި އަވަހެވެ. ލައިގެންހުރި ކަނޑިކަގަނޑު ބައިލާ އެއްފަރާތްކޮށްލިއެވެ. ދެންވާ ހަދިޖާއެއް ނެތެވެ. ގައިގައި ނެތް ހިތްވަރެއްލައި ހަދީޖާ އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ އެންމެ ފުރަތަމަ ނޭވާ މިދުނިޔޭގެ ކެހިވެރި ފަޒާގެ ތެރެއަށް ދޫކޮށްލަދިނެވެ. ލޯބިލޯބި ފިރިހެން ކުއްޖެކެވެ. ގުޅަވެލާފައި އޮތްއިރު ހީވަނި މަޑު ފުށްކޮޅެއް ހެންނެވެ. ހަނދުގެ ފަނޑުއަލިކަމުގެ ތެރެއިން އެދަރިފުޅުގެ ދޮން ނިޔަދުރު ކުލައަރާ މޫނަށް ހަދީޖާ ބަލާލިއެވެ. ދެންވީ ހަމަ ކުޑަ ހިނދުކޮޅެކެވެ. ތެތްފިނިކަމުގެ ވޭންދެނިވި އިހުސާސާއެކު އެދަރިފުޅަށް ރޮއިގަނެވިއްޖެއެވެ. ބަލާކަށް ނުހުރެ ހަދީޖާ އޭނާގެ ބަނޑުއަޅައި ވިހައި ދަރިފުޅު އެންމެކައިރީގައިހުރި ކަށިކެއު ބުޑާ ދިމާއަށް އެއްލިއެވެ. “އަދި މަހީކުރީ މަރުވެފައިކަމަށް…”

ދަރިފުޅުގެ ރުއިމުގެ އަޑު އިހުނަށްވުރެ ގަދަވިއެވެ. ހަދީޖާގެ ރުޅިގަނޑުވެސް ގަދަވިއެވެ. “ދުވަސްނުފުރާ ވިހައްޔޭ ކިޔާފައި، ކީތްވިސް މިއެއްޗަކު މަރުވިނަމަ” މީހަކަށް އަޑެއްއިވިގެން މިކަންތައްގަނޑު ފަޅާއަރާކަށް ހަދީޖާ ބޭނުމެއް ނުވެއެވެ. އެއްމެ ފަސޭހައިން އަތުޖެހުނީ އުނުން ބޭލި ބާ ޖަނގިޔާ ގަނޑެވެ. އިތުރަށް ވިސްނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ރޮއިރޮއިއޮތް އޭނާގެ ދަރިފުޅުގެ އަނގަ ބަނދުކޮށްލީ އެމުޑުދާރު ޖަނގިޔާ ގަނޑުންނެވެ. “ކަލޭގެޔާ… ހީކުރީތަ.. ތިޔަހެން ފެލިގެން މަ ބޭޒާރު ވާނެކަމަށް” ހަދީޖާގެ ރަސްމީ ކުޅިވަރުގަނޑު ފެށުނީ އެހިސާބުންނެވެ. ކެޔޮޅު އާދަނު ރޯމަހުގެ ނަގުލުގައި ހިފައި ގާގަނޑުމަތީ ޖަހާލާ މަންޒަރު ހަދީޖާއަށް ފެނިފައި އެބަހުއްޓެވެ. ބޯކޮޅު ވަތަށް ޖަހައި ފައިކޮޅުގައި ހިފައި، ކުށެއްނެތް އެ މައުސޫމު ދަރިފުޅުގެ ބޯ ކަށިކެއު ބުޑަކާލާ ޖެހިއެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެހެންނަމަވެސް އަދިވެސް އެދަރިފުޅު މަރެއް ނުވެއެވެ. ދެން ހަދާނީ ކިހިނެތްކަމެއް ހަދީޖައަކަށް ނޭގުނެވެ. ގޮތް ހުސްވިކަހަލައެވެ. އެހެންނަމަވެސް ހޯދާ ބަލާމީހަކަށް ނުފެންނާނީ ކޮންއެއްޗެއް ހެތްޔެވެ؟ ފަނޑުއަލިކަމުގެ ތެރެއިން ތެޅިފައިވާ ބިއްލޫރި ފުޅިއެއް ހަދިޖާއަށް ފެނުނެވެ. ނުބައި ފާޑަކަށް ހަދީޖާ ހީނލިއެވެ. “ކަލޭގެއާ…. ތޫތުކޮޅުގެ ފުރަތަމަ އަދި ފަހު ދުވަސް” އެއްވެސް އާރެއް ބާރެއް ނެތް އެނިކަމެތި ދަރިފުޅުގެ ފިރިހެންވަންތަކަމުގެ ގުނަވަން ފެޅި ހިސާބުން ބުރިކޮށްލީ، ބާ ކަތިވަޅިގަނޑަކުން ކާތައިގެން އެއްޗެއް ބުރިކުރާހެން އެފުޅިތޮށިކޮޅުން ކާތައިގެންނެވެ. ލިބުނު އުފަލެއް ބުނެދޭން ދަތިވި ކަހަލައެވެ. އަރާފައި ހުރި ފޯރީގައި އެދަރިފުޅުގެ ގައިގެ އެތަން މިތަނުގައި އެފުޅިތޮށިކޮޅުން އަޅަމުން ދިޔައެވެ. “ހިކުރީތަ؟… އޭންނނނ….”

ލިބުނު ހިތްހަމަޖެހުން ބުނެދޭން ނޭގޭހާލު ހަދީޖާ އެތަނުގައިހުރި ރުކެއްގައި ލެގިލިއެވެ. ވަރަށް ލަސްވެއްޖެއެވެ. ވަރުބަލިވެސް ވެއްޖެއެވެ. އޭރުވެސް ހަދީޖާގެ އެރަހުމުކުޑަ އިންސާނިއްޔަތުކަމެއްނެތް އަމަލުތަކުގެ ޝިކާރައަކަށްވި އޭނާގެ އުފަންދަރި މަރުނުވެ އެތަނުގައި އޮތެވެ. މިފަހަރު ހަދީޖާ އެތެދުވީ އެންމެ ފަހުގެ އެތިފަހަރު ހަދާށެވެ. ހަދިޖާ އޭނާގެ އެދަރިފުޅުގެ އެއްފައިގައި ހިފައި، ވަދުދަމަމުން ކަހަލަގޮތަކަށް އެފީނި ގަނޑުގެތެރެއިން އަތިރިއަށް ފޭބިއެވެ.

* * * * *

ހެނދުނުގެ އިރު ފެނުން ތޮޅެލަމުންދިޔަ ވަގުތެވެ. ކޮނޑަށް ދޮށިއެއްލައިގެން ހުރެ ކަކުނި ހަރުތައް ހޯދުމަށް ގޮނޑުދޮށަށް ފައިބައިއުޅުނު މީހުންތަކުގެ ތެރޭގައި ބަދީރުވެސް ހުއްޓެވެ. ދެންފެނުނީ އޭނާ ހޭރިގަނެގެން އެއްގަމާދިމާއަށް އަރައިގެން އައި ތަނެވެ. އަތްދަނޑިމައްޗަށް ކޮންމެވެސް އެއްޗެއް ލައިގެން، ދުވަމުން ،ހޭރެމުން އޭނާ އެއްގަމަށް އަރައިގެން ދިޔައެވެ. މަސްބާނަން ގޮސްތިބި އެންމެން ފަހަތުލައިގެން ކަހަލަގޮތަކަށެވެ. “މާތްކަލާކޯ… މީ… ކަތީބު… މީ..” ބަދީރުގެ އަޑު ތުރުތުރު އަޅަމުންދިޔައިރު އޭނާގެ މުނުމަތީގައިވަނީ ބިރުވެރިކަމާ ހިތާމަޔާ ހިތްދަތިކަމުގެ ސާފު މަންޒަރުތަކެކެވެ. “އިންނާ ލިﷲ….” ކަތީބުގެ އަނގަ ބަންދުވިއެވެ. ބުނާނެއެއްޗެއް އެއްކިބާކޮށް ކުރާނެ ހަމަ އެއްވެސް ކަމެއް ކަތީބަކަށް ނޭގުނެވެ. އިސްޖަހައިލެވިފައި ހުރެވުނީއެވެ.

މާގިނައިރުތަކެއް ނުވެ މިވާހަކަ ރަށުތެރޭގައި ފެތުރި ރަށުގެ ގިނަ ބަޔަކު އެތަނަށް އެއްވެއްޖެއެވެ. މަންޒަރުބަލަން ގޮސްތިބި އެންމެން ތުންތުންމަތިން ކޮންމެވެސް ވަހަކަތަކެއް ދައްކަމުން ދިޔައެވެ. “ސުބުޙާނަﷲ…. މީހެއްގެ ދަރިއަކަށް އެވަރު ހަދާކަށްނުވާނެއްނު…. އެއީވެސް ހަމަ އަހަރެމެން ކަހަލަ އިންސާނެއްވިޔާ…..” މީހުންތަކުގެ ތެރެއިން ކުރިއަށްޖެހިލައި ހަދީޖާ އޭނާގެ ބަނޑުގައި އަތްއަޅާލައިގެން ހުރެ ވާހަކަދެއްކިއެވެ. “އެވަރުގެ ލޯބި ލޯބި ފުށްގަނޑަކަށް އެފަދަ ލާއިންސާނީ……. ޔަގީނުންވެސް އިންސާނަކަށް އެވަރުކަމެއް ކުރާކަށް ނުކެރޭނެ” ހަދީޖާގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ މީހަކުއައިސް ހަދިޖާގެ ގައިގައި ހިފަހައްޓާލިއެވެ. ހަމްދަރުދީވެލުމުގެ ގޮތުންނެވެ. “ހުއްޓާލާ…! ދެން ނުރޮއި…!!”

ކަންހިނގިގޮތް ބަލާހޯދުމަށާއި ކުއްޖާގެ ގާތިލް ހޯދުމަށް ރަށު އޮފީހުން އަމުރު ނެރުނުތާ މާގިނައިރެއް ނުވެއެވެ. “ހަދީޖާ… މިއަދު 5ޖަހާއިރަށް އޮފީހަށް… ކަތީބު މިރަށުގެ ހުރިހައި މާބަނޑުމިހުނާ ބައްދަލުކޮށްލުމަށް ބޭނުންވާތީ” ކަރީމަކީ ރަށު އޮފީހުގެ ޕިޔޯނެވެ. މީހަކަށް އޮފީހަށް އަންނަން ކިޔައިފިއްޔާ އެމީހެއްގެ ހިތުގައި އުފެދޭނެހެން ހީވާ ކޮންމެވެސް ސުވާލެއްގެ ޖަވާބު ނުދީ ކަރީމަކަށް ނުދެވޭނެއެވެ. ދާނަމޭ ބުނުމުގެގޮތުން ހަދީޖާ ބޯޖަހާލުމާއެކު ކަރީމު އެހުރި ބާރުމިނުގައިގޮސް ގެއްލިއްޖެއެވެ.


ހަވީރުގެ ފިންޏަށް މިހުން އަތިރިއަށް ފައިބަމުންދިޔަ ވަގުތެވެ. “ހަދީޖާ… ވިހާން ތިހާ ކައިރިވެފަ އިންދާ އެކަނިމާއެކަނި ކޮންތާކަށް؟” ހޮޅުއަށްޓާދިމާލު ހުރި ފާރުބުރިއެއްމަތީ އިށީނދެލައިގެން އިން ހަބީބު ހަދީޖާއަށް ގޮވާލިއެވެ. “މައެކަނިތަ މިތާ މިހުރީ؟” މަލާމާތުގެ ރާގަކަށް އޭނާ ހީލިއެވެ. “މިދަނީ މަގޭ ދަރިފުޅު މަރާލި ގާތިލް ހޯދަން އޮފިހަށް ކިޔައިފައި އޮތީމާ…” ހަދީޖާގެ ވާހަކަ ނުނިމެނިސް ހަބީބުއަށް އިންތަނުން ތެދުވެވުނެވެ. “ކާއްގެ ދަރިއެއް މަރާލައިގެން ކޮންތާކަށޭ؟” “ސާބަހޭ… މަގޭދަރި މަރާލި ގާތިލް ހޯދަ….” ވާހަކަ މިހާހިސާބަސް ދިޔަތަނާ ހަދީޖާއަށް އޭނާއަށް މި ބުނެވުނު އެއްޗެއް ރޭރުވިއެވެ. “މާތްކަލާކޯ” ހިތާ ހިތާ ބުނެލެވުނެވެ. ދެނަކާ ދެނެއް ނެތެވެ. ހަދީޖާއަށް ދުއްވައިގަނެވުނީ ގެއާ ދިމާއަށެވެ. ހަބީބުއަށް ދުއްވައިގަނެވުނީ ހޮޅުއަށިގައިވާ މީހުންތަކާ ދިމާއަށެވެ. ވިހަދުންގަނޑެއް ފެތުރިގެންދާހެން އިސާހިތަކު މި ޚަބަރު މުޅި ރަށުތެރޭގައި ފެތުރިއްޖެއެވެ. އޮފީހުން މިމައްސަލަ ބަލައި އެ ނުބައި ނުލަފާ އަމަލުތަކުގެ ވެރިއަކީ ހަދީޖާކަން ސާބިތުވެ ނިޔާ އިއްވީ 25އަހަރަށް ޖަލަށް ލުމަށެވެ.

(ނިމުނީ)

މިފަދަ ނުބައި ނުލަފާ އަންހެނުންގެ ކެހިވެރިކަމާ މަކަރުވެރިކަމުގެ ލެއިން ތަތްތެޅިފައިވާ އަތްތަކުން މިމުޖުތަމައު ސަލާމަތްކުރައްވާށި!

(މިއީ ހަގީގީ ހާދިސާއެކެވެ. އެހެން ނަމަވެސް ބޭނުންކޮސްފައިވާ ނަންތަކަކީ އަސްލެއް ނޫނެވެ.)

Advertisements