ދުނިޔޭގެ ތަރައްޤީ ވަމުންއަންނަ އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ ބޮޑެތި އިސްކޫލުތަކުގައި ގްރެފިކް އޯގަނައިޒިން އަކީ މިހާރު ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވެމުން އަންނަ ކިޔަވައިދިނުމުގެ ހުނަރެކެވެ. އަދި އެއީ އުނގެނުމާއި އުނގަންނައި ދިނުމުގައި ބޭނުންކުރެވޭ ވަރަށްވެސް ތަފާތު ޓޫލްއެކެވެ. ގްރެފިކް އޯގަނައިޒަރއާ ބެހޭގޮތުން ޕީޓަރ ޖީ.ކޯލ.އެންޑް ލޯނަރ ކޭ.އެސް.ޗޭން (1994) އޭނާގެ ފޮތެއްކަމަށްވާ “ޓީޗިން ޕްރިންސިޕަލް އޭންޑް ޕްރެކްޓިސް ސެކަންޑް އެޑިޝަން” ގައި ބުނެފައިވަނީ ގްރެފިކް އޮގަނައިޒަރ އަކީ ވަކިމަޢުލޫމާތެއް، ތަސްވީރެއް ނުވަތަ ޗާރޓެއްގެ ގޮތުގައި ކުދިންނަށް ފަސޭހައިން ދޭހަވާނޭގޮތަށް ދެއްކުމަށްޓަކައި ބޭނުންކުރާ ކިޔަވައިދިނުމުގެ އެހީއެއް ކަމަަށެވެ.ފޮޓޯ: މަޒުމޫނު ލިޔުމުގެ ގަޑިއެއްގައި ކުލާސް ރޫމެއްގައި ކުދިން ލައްވައި ތައްޔާރުކުރުވިދާނެ ގްރެފިކް އޯގަނައިޒަރގެ ނަމޫނާއެއް.

އެހެންނަމަވެސް އަޅުގަނޑު ދެކޭގޮތުގައި ގްރެފިކް އޮގަނައިޒަރ އަކީ އެއްޗެއްގެ ނުވަތަ ފިލާވަޅެއްގެ މުހިންމު ބައިތައް ނުވަތަ މުހިއްމު ޕޮއިންޓްތައް ކުދީންގެ ހަނދާނުގައި ފަސޭހަކަމާއެކު ހަރުލެއްވުމަށް ކުރެހުމެއް ނުވަތަ ޗާޓެއްގެ ގޮތުގައި ކުދިންނަށް ދެއްކިދާނެ ކިޔަވައިދިނުމުގެ އެހީއެކެވެ. އަދި އެއީ ކުރީދުވަހުގެ ފިލާވަޅު ކުދިންގެ ހަނދާނުގައި ހުރީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށްވެސް ބޭނުންކުރެވިދާނެ މޮޅު ހަތިޔާރެކެވެ. އެދުވަހެއްގެ ފިލާވަޅުން ކުދިންނަށް އެނގިފައިވާ މިންވަރާއި ހަނދާނުގައި ހުރި މިންވަރު ބަލާލުމަށް ގްރެފިކް އޯގަނައިޒަރގެ ބޭނުން ހިފިދާނެއެވެ. އަދި މީގެ އިތުރުން ގްރެފިކް އޯގަނައިޒަރއަކީ އެދުވަހެއްގެ ފިލާވަޅުން ކުދިންނަށް އެނގުނު މިންވަރެއް ބެލުމަށް ޚުލާޞާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ގްރެފިކް އޮގަނައިޒަރގެ އެންމެ މުހިއްމު އެއް ބޭނުމަކީ އެދުވަހެއްގެ ފިލާވަޅުން ކުއްޖާއަށް އެނގުނު އެއްޗެއް ވަޒަންކުރުމެވެ. (ނުނިމޭ)

މީގެ ފަހުން އަންނަ ބައިތަކުގައި ގްރެފިކް އޯގަނައިޒަރގެ ފައިދާތަކާއި ކްލާސްރޫމެއްގައި ގްރެފިކް އޯގަނައިޒަރ ބޭނުން ކުރެވިދާނެ ގޮތްތައް ހިމަނާނަމެވެ.

Advertisements