ތިމާގެ ހަޔާތުގައި ތިމާއާ ބައްދަލު ކުރާ ހަމަ ކޮންމެ ދުވަހަކީ އާ އުންމީދުތަކަކާއި ފޮނިކަމެއް ދެކެން ބޭނުންވާނެ ދުވަހެއްކަން ޔަގީނެވެ. ފަހަރުގައި މިއީ ބައެއް މީހުންގެ ހާލަތުގެ ދުލުން ބުނާ އެއްޗަކަށް ނުވެދާނެއެވެ. އެހެންނަމަވެސް އުފަލާ އަރާމާ ހިތްހަމަޖެހުމަށް ލޯބިކުރާ ހަމަ ކޮންމެ އިންސާނަކީވެސް މިދެންނެވިފަދަ އުންމީދުތަކެއް ކުރާނެ މީހެއްކަން ޔަގީނެވެ. އިރު ފެނުން ތޮޅެލައި މައްޗަށް ހިއްލައިލާ ކޮންމެ ފަހަރަކު އެއިރުގެ ދޯދިތަކާއެކު ކުރަމުންދާ އުންމީދުތަކާއި ދެކެމުންދާ ކުލައެއް ނެތް ހުވަފެންތަކުގައި އެވާ ކުލަނެތް މަންޒަރުތަކުގައި ކުލަޖެހުމަށް ނޭދެނި ފަހެ ކާކުހެތްޔެވެ؟ މިދެކެވެނީ ހަޔާތުން ދުވަހެއްގެ ވާހަކަ ދެއްތޯއެވެ. އަދި ހަޔާތުން އެއް އަހަރު ފާއިތުވެދާއިރު، އެއަހަރުގައި ނުކުރެވި ހުރި ކަންތައްތަކާއި ކުލައެއްނުޖެހި ދޫވެފައިވާ ހުވަފެންތަކުގެ އަދަދު ގުނާއަދަދު ނުކުރެވޭނެކަން ޔަގީނެވެ. ވީއިރު އާދުވަހަކަށް ކުރާ އުންމީދު، އާ އަހަރަކަށް ނުކުރެވޭނެތޯއެވެ….؟ ފާއިތުވި އަހަރު ނުކުރެވި ހުރި ކަންތައްތަކާއި ކުލައެއްނުޖެހި ދޫވެފައިވާ ހުވަފެންތަކުގައި ކުލައެއްޖެހުމަކަށް ނޭދެމުތޯއެވެ. ދަންނަވަން މިއުޅެނީ އުފަންދުވަހެއް ފާހަގަކުރުމުގެ އެއްބޭނުމުގެ ތެރޭގައި މިކަން ވެސް ހިމެނޭވާހަކައެވެ. ތިމާގެ އުފަންދުވަސް ފާހަގަކުރުމުގެ ހަމައެކަނި ބޭނުނަކީ ފަހަރެއްގައިވެސް ތިމާ ދުނިޔޭގައި ވޭތުކުރަން ލިބިފައިމިވާ މަދު ދުވަސްކޮޅުގެ ތެރެއިން 365 ދުވަސް މަދުވެގެން ދިޔަކަން ފާހަގަ ކުރުމެއް ނޫނެވެ.