ސެކަންޑްރީ ކްލާސްތަކުގެ ދަރިވަރުންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރުމަށް އަޑުއެހުމުގެ ހުނަރުގެ މުހިންމުކަން


އަޑުއެހުމަކީ ކުއްޖާ ބަސް ދަސްކުރުމުގެ ގޮތުން އެންމެ ފުރަތަމަ ކުރާކަންތަކެވެ. ލިޔެފައި ހުންނަ އެއްޗިހި ކިޔަން ފެށުމުގެ ކުރީގައި ކުއްޖާއަށް ބަސް ދަސްވުމުގެ ހުރިހާވެސް ވަޞީލަތަކީ އަޑުއެހުމެވެ. އަޑުއެހުމުގެ ހުނަރަކީ ބޭނުންތެރި ހުނަރެކެވެ. މިހުނަރު ކުދިންގެ ކިބައިގައި ހަރުލެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މިހުނަރަކީވެސް އެހެން ހުނަރުތަކެކޭ އެއްފަދައިން ކުދިންގެ ކިބައިގައި އަށަގަންނުވަން ޖެހޭނެ ހުނަރެކެވެ. އެއީ މިހުނަރާ ނުލައި ކުދިންގެ ކިޔެވުން ކުރިއަށް ނުގެންދެވޭނޭތީއެވެ.

އިހުންސުރެ އަޅުގަނޑުމެންގެ ކާބަފައިން ގަބުލުކުރަމުން އައީ އަޑުއެހުމަކީ ވާހަކަދެއްކުމަށް މަގުފަހި ކުރުމައްޓަކައި ކުރަންޖެހޭ ކަމެއް ކަމުގައެވެ. އެހެންނަމަވެސް ބަހުގެ ގިނަ އިލްމުވެރިން، މިހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މުހިންމުކަމާއިމެދު ފަހަކަށް އައިސް ފުޅާދާއިރާއެއްގައި ވާހަކަދައްކާފައިވެއެވެ. އަދި މިހުނަރަކީ ކިޔަވާކުދިންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ހުނަރެއްކަމައްވެސް މިދެންނެވި އިލްމުވެރިން ފާހަގަކުރައްވައެވެ.

އަޑުއެހުމުގެ ތަފާތު ގޮތްތަކެއް ހުރެއެވެ. ނަމަވެސް މިތަނުގައި އަޅުގަނޑުބަލައިލާނީ ސެކަންޑްރީ ކްލާސްތަކުގެ ދަރިވަރުންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރުމަށް އަޑުއެހުމުގެ ހުނަރުގެ މުހިންމުކަމަށެވެ. މިގޮތުންބަލާއިރު އަޑުއެހުމަކީ ހަމައެކަނި ބަސްތަކެއް އަޑުއިވުމަށްވުރެއް ފުޅާދާއިރާއެއްގެ ތެރޭގައިވާކަމެކެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ އަޑުއެހުމަކީ އަޑުތަކެއްގެ ގޮތުގައި އަންނަ މެސެޖުތަކަށް ސަމާލުވެ އެމެސެޖުތައް ހަރަކާތްތެރިކަމާއެކު ބަލައިގަނެ އިވޭ އަޑުތައް މާނަހުރި އެއްޗަކަށް ބަދަލުކޮށް، ދެކެވޭ ވާހަކައަށް ޖަވާބުދިނުމަށް ސިކުނޑިގައި ކުރެވޭ މަސައްކަތަކަށް ކިޔޭނަމެކެވެ. އެހެން ކަމަށްވީއިރު އެއްޗެއް އަޑުއަހާނަމަ އެއިން މާނައެއް ދޭހަކުރުމައްޓަކައި އިވޭ އެއްޗަކަށް ސަމާލުކަންދިނުމަކީ ވަރަށް މުހިންމު އަދި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ދަރިވަރުންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރުމަަށް އަޑުއެހުމުގެ ހުނަރުގެ މުހިންމު ކަމަކީ އަޅުގަނޑުމެންނަށް އޮޅިފައި އޮންނާނެ ކަމެއް ނޫނެވެ. ދިރާސާކުރައްވާ އެކިއެކި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ބަހެއް ދަސްވުން ބިނާވެފައި އޮންނަނީ އެބަހެއް އަޑުއެހުމުގެ މިންވަރުގެ މައްޗަށެވެ. އެއީ ދުނިޔޭގެ އެކިއެކި ކަންތައްތަކާއި އިންސާނީ ގުޅުންތަކާއި އެމީހުންގެ ޚިޔާލާއި އެމީހުން ދެކޭގޮތާއި ބަލައިގަންނަ ކަންތައްތަކުގެ މައުލޫމާތު ހޯދާ ވަސީލަތެވެ. އަޑުއެހުމަކީ ބަހެއް އުގެނުމަށް ބޭނުންވާ މައިގަނޑު ބައިތައް ލިބިދޭ އަދި ބަސްދަސްކުރާ ފަރާތަށް އެބަހަކުން ވާހަކަ ދެއްކުމަށް މަގު ފަހިކޮށްދޭ މައިގަނޑު ހުނަރެވެ. ޖީން.ޕިއާޖޭ ހާމަކުރައްވާ ގޮތުގައި ކުއްޖާ އެންމެ ތުއްތުއިރު އެކުއްޖާގެ މައިންބަފައިން ދައްކާ ވާހަކަ އަޑުއަހައެވެ. އަދި އެވާހަކަތައް ކޮޕީކޮށް އެގޮތަށް ވަހަކަދައްކަން މަސައްކަތް ކުރެއެވެ. އެހެންކަމުން އަޑުއެހުމާއި ވާކަދެއްކުމާއި ގުޅުމެއް ހުންނަކަން އެނގެއެވެ.

އާންމުގޮތެއްގައި އަޑުއެހުމުގެ ހުނަރު ތަރައްގީވެފައިވާ ކުދިންގެ ކިޔުމުގެ ހުނަރާއި ވާހަކަދެއްކުމުގެ ހުނަރު ތަރައްގީވެފައިވާކަން ފާހަގަކުރެވެއެވެ. ކަންމިހެން އޮތްއިރު ސްކޫލު މާހައުލުންސުރެ ފެށިގެން ކުއްޖާގެ ކިބައިގައި އަޑުއެހުމުގެ ހުނަރު އަށަގަނުއްވައި އެކަން ތަރައްގީކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ކްލާހުގައި މުދައްރިސް ފިލާވަލު ނަގާދެއްވަމުން ގެންދާއިރު ފިލާވަޅާގުޅޭ ގޮތުން ދައްކާ ވާހަކަ ހަނދާނަށް ގެނައުމަށް ނުވަތަ މާނަދޭހަކުރުމަށް ކުއްޖާގެ ކިބައިގައި އަޑުއެހުމުގެ ހުނަރު ތަރައްގީވެފައި ހުރުން ވަރަށް މުހިންމެވެ. ކުލާހުގައި ގެންދެވޭ އަޑުއެހުމުގެ ތަފާތު މަސައްކަތްތަކުގައި ބައިވެރިވާ ކުދިންގެ ވިސްނުމާއި އެކުދިންގެ އެހެނިހެން ހުނަރުތަކާ، އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވާ ކުދިންނާ ވަރަށް ތަފާތުކަން ފާހަގަ ކުރެވެއެވެ. ކުރިންވެސް ފާހަގަކުރި ފަދައިން އަޑުއެހުމުގެ ހުނަރު ތަރައްގިވެފައިވާ ކުދިންގެ އެހެނިހެން ހުނަރުތައް ތަރައްގީވެ ކުރިއަރާފައިވާ މިންވަރު އެހެން ކުދިންނާ އަޅާބަލާއިރު މާރަނަގަޅުވެފައި އިތުރެވެ. ވީއިރު އަޑުއެހުމުގެ ހުނަރަކީ ކުއްޖާގެ ކިބައިގައި އަށަގަންނުވަންޖެހޭ ހުނަރެކެވެ. ސްކޫލުމަދަރުސާގައިވެސް ވަކީން ޚާއްޞަކޮށް ދިވެހި މިމާއްދާގެ ފެންވަރު މަތިކުރުމަށް އަޑުއެހުމުގެ ހުނަރަކީ މުހިންމު ހުނަރެކެވެ.