ޑެނިއަލް ސްޓީލްގެ ބައޮގްރަފީ


މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއެލް ފެރެނޭނޑް ޑޮމިނިކް މުރިއެލް އެމިލީ ޝުލެއިން ސްޓީލް ނުވަތަ މަޝްހޫރުނަމުންނަމަ ޑެނިއެލް ސްޓީލްއަކީ ޖާމަންއަށް ބައްޕައަކާ ޕޯޗުގަލްއަށް މަންމައަކަށް ލިބުނު ދަރިއެކެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1947ވަނަ އަހަރުގެ އޮގަސްޓްމަހުގެ ސާދަވަނަދުވަހު އެމެރިކާގެ ނިއުޔޯކް ސިޓީއަށެވެ. ބައްޕަގެ ނަމަކީ ޖޯން ޝުލެއިން ސްޓީލް، އަދި މަންމަގެ ނަމަކީ ނޯރމަން ޑަ ކަމަރާ ސްޓޯން ރެއިސް އެވެ. ބައްޕަގެ އާއިލާއަކީ ގަދަރުވެރި އާއިލާއެއްކަމުން ސްޓީލްއަށްވަނީ ހަޔާތުގެ އެންމެ ޅަދުވަހުންފެށިގެން ޝާހީ ދިރިއުޅުމެއް ފެނިފައެވެ. ސްޓީލްގެ އުމުރުން ހަތް އަހަރުގައި އާއިލާރޫޅުމުގެ ސަބަބުން ސްޓީލް އޭނާގެ ދުވަސްތައް ހޭދަކުރެއްވީ ބައްޕައާއިއެކު އެމެރިކާގެ ނިއުޔޯކް ސިޓީގައެވެ. ތައުލީމް ހާސިލްކުރެއްވީ ލިޓްރޭޗަރ ޑިޒައިން އަދި ފެޝަން ޑިޒައިންގެ ދާއިރާއިންނެވެ. އެމެރިކާގެ އެކި ޔުނިވަރސިޓީތަކުން ތައުލީމް ހާސިލްކުރުމަށްފަހު ސްޓީލް އޭނާގެ ދިރިއުޅުން ފްރާންސްއަށް ބަދަލުކުރެއްވިއެވެ.

ޑެނިއަލް ސްޓީލްއަކީ އެންމެ ކުޑަދުވަހުންފެށިގެން ލިޔުންތެރިކަމަށް ލޯބިކުރެއްވި ބޭފުޅެކެވެ. ސްކޫލުގައި އުޅުއްވިއިރުވެސް އެކި މަޖައްލާތަކަށް ލިޔުއްވާ އުޅުއްވިބޭފުޅެކެވެ. ވަކީން ޚާއްޞަކޮށް ސްޓީލްއަކީ ވަރަށް ކުޑައިރުންސުރެ ވާހަކަ ލިޔުމަށް ޝައުގުވެރިކަން ހުންނަ ބޭފުޅެކެވެ. އެގޮތުން އުމުރުން އެންމެ 14 އަހަރުގައި ވާހަކަ ލިޔަން ފެއްޓެވިއެވެ. އެހެން ނަމަވެސް އޭރު ލިޔެއުޅުއްވީ ފޫހިފިލުވާލުމަށް ކުރައްވާ ކަމެއްގެ ގޮތުގައެވެ. ސްޓީލްގެ ފުރަތަމަ ކައިވެނި 1965ގައި ކުރެވުނުއިރު އުމުރުފުޅަކީ އެންމެ 18އެވެ. އޭރު ސްޓީލް މަސައްކަތް ކުރަމުންއައީ ސެންފްރެސްސިސްކޯގެ އެޑްވަޓައިސިން އޭޖެންސީއެއްގައެވެ. ސްޓީލްގެ ލިޔުންތެރިކަމުގެ ފެށުމަކީ އެއީކަމުގައިވެސް ދެންނެވިދާނެއެވެ. އުމުރުން އެންމެ 19 އަހަރުގައި ސްޓީލްވަނީ އޭނާގެ އެންމެ ފުރަތަމަ ވާހަކަފޮތް “ގޮއިން ހޯމް” އާންމުކޮށްފައެވެ. ލިޔުންތެރިކަމުގެ ކުރިމަގަށް ވަރަށް ބޮޑަށް ވިސްނައިގެން ލިޔެފައިވާ މިވާހަކައަކީ އޭނާގެ ހަޔާތުގައި ދިމާވެފައިވާ ކަންތައްތަކުގެ މައްޗަށް ބަލައި ލިޔެފައިވާ ފޮތެކެވެ. މިފޮތަށް ލިބުނު ކާމިޔާބިއާއެކު ސްޓީލްވަނީ ގާތްގާތުން އެތައް ވާހަކަފޮތެއް އާންމުންނާހަމަޔަށް ނެރެދީފައެވެ. އެގޮތުން 1980ވަނަ އަހަރު ނެރުނު “ދަ ރިންގް” ވެގެން ދިޔައީ އާންމުންގެ ތެރޭގައި ވަރަށް މަޝްހުރު ފޮތަކަށެވެ. އަދި ހަމަ އެއަހަރު ނުކުތް “ސީޒަން އޮން ޕެޝަން” ވެސް ވެގެން ދިޔައީ އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންދިޔަ ވާހަކައަކަށެވެ. އާންމުގޮތެއްގައި ސްޓީލް ލިޔެއުޅެނީ ލޯބީގެ އަސަރުގަދަ ވާހަކައެވެ. އެހެން ނަމަވެސް ސްޓީލްވަނީ އިޖްތިމާއީ މައްސަލަތަކަށާއި ކިޔަވާކުދިންނަސް ދިމާވާ ދަތިތަކާއި އަދި މީގެ އިތުރުން ކައިވެންޏާ ގުޅުންހުރި ތަފާތު ފޮތްތައް ލިޔެފައެވެ.

ލިޔުންތެރިކަމުގެ ދާއިރާގައި ސްޓީލް ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް ބަލާއިރު ސްޓީލްވަނީ އެމެރިކާގެ ނިއުޔޯކްޓައިމްސްގެ ހާޑް ކަވަރގައި ޖެހިޖެހިގެން 381 ހަފްތާގައި އެއްވަނަ މަގާމް ހާސިލްކޮށް ދުނިޔޭގެ ރެކޯޑްފޮތުން ޖާގަހޯދައިފައެވެ.އަދި ހަމައެހެންމެ 2002ވަނަ އަހަރު ފްރާންސްގެ ސަރުކާރުންވަނީ ލިޔުންތެރިކަމުގެ ދާއިރާގައި އެންމެ ފުންނާބު އުސްބޭފުޅުންގެ މާގާމުގެ ލިސްޓުގައި އޭނާގެ ނަންހިމަނައި އެކަމުގެ ޝަރަފް އަރުވާފައެވެ. އަދި މީގެ އިތުރުން ސްޓީލްވަނީ 2003ވަނަ އަހަރު ސެންފްރެސިސްކޯގައި އޭނާގެ އަމިއްލަ އާޓް ގެލެރީއެއް ހުޅުވާފައެވެ. އާންމުންގެ މެދުގައި ސްޓީލް ހޯދާފައިވާ މަޝްހުރުކަމުގެ ސަބަބުން ދުނިޔޭގެ ސެންޓް އުފައްދަ އެންމެ ބޮޑު އެއް ކުންފުނިކަމައްވާ “އެލިޒަބަތް އާރޑެން”އިންވަނީ ޑެނިއަލް މަރުކާގެ ސެންޓު ުއފެއްދުމަށް ސްޓީލްއާއެކު 2006ވަނަ އަހަރު އެއްބަަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 28 ބަހަކަށް އޭނާގެ ވާހަކަތައް ތަރުޖަމާކޮށްގެން ބޭނުންކުރާކަމީ އުފާކުރާކަމެއްކަމަށް ބުނާ ސްޓީލް މިހާރު ކުރަމުންދާ އުންމީދަކީ އޭނާއެކޭ އެއްފަދައިން އޭނާގެ ދަރިފުޅު “ބީޓްރިކްސް”ވެސް ލިޔުންތެރިކަމުގައި ފިޔަޖަހާތަން ދެކިލުމެވެ. ސްޓީލްގެ މަސައްކަތަށް ކަމިޔަބީއަސް އެދެމެވެ.