ޒޯންމެޗުގެ ހަނދާންތަކުގެ ތެރެއިން…

އެއީ 2007ވަނަ އަހަރުގެ މޭމަހުގެ ކުރީކޮޅެވެ. އަހަންނާއި އަހަރެންގެ އެކުވެރިން ތަތްޔާރުވަމުންދިޔައީ ޒޯން ފުޓްބޯޅަ މުބާރާތުގެ ސެމިފައިނަލް މެޗު ބަލާލުމަށް ފ.ބިލެއްދޫއަށް ދިއުމަށެވެ. އެއީ މޫސުން ގޯސް ދުވަހެކެވެ. އުޑުމަތި ބަނަ، ވައިބާރު، ކަނޑު ގަދަ ދުވަހެކެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ފުރާން ތައްޔާރުވެގެން ބަނދަރުމައްޗަށް އެއްވަމުން ދިޔައެވެ. އަހަރެންވެސް މަޑުކޮށްލައިގެން ހުރީ ދާން ހަމަޖެހުނު އެކުވެރިން އަދި ހަމަނުވާތީއެވެ. އޭރު ގާތްގަނޑަކަށް ދެގަޑި ބައިވަނީއެވެ. ދޯނިތައް ފުރަން ހަމަޖެހިފައި އޮތީ ދެގަޑި ބައިގައި ކަމުން މީހުން ފުރާ ބަރާކޮށްގެން ރަށުފަޅުން ދެދޯނި ބޭރު ކޮށްފިއެވެ. މޫސުން ގޯސްކަމާއެކުވެސް މެޗުގެ ފޯރީގައި ބައިވެރިވެ ރަށު ޓީމަށް ހިތްވަރު ދިނުމުގެ ރޫޙުގައެވެ.

އައްޑިހަ މިހުންނާއެކު އަހަންނާއި އަހަރެންގެ އެކުވެރިން އެއްދޯންޏެއްގައި ރަށުފަޅުން ބޭރުކޮށްލީ ކޮޅިގަނޑެއްގެ ފެށުން އުދަރެހަށް ވެރިވެފައި ވަނިކޮށެވެ. އޭރު ގާތްގަނޑަކަށް ތިނެއް ޖަހަނީއެވެ. ދޯނި ފަޅުން ބޭރުކޮށްލީ ހޮޅިލާ ނަގަމުންދިޔަ ރާޅުތަކެއްގެ ތެރެއަށެވެ. އެރާޅުތަކުގެ ފޮނުގަނޑުގައި ދޯނީގެ ބަނޑުފިލާގަނޑު ޖެހިލިވަގުތު ދޯނީގައި ތިބި އެންމެން އެއްއަޑަކުން ހަޅޭއްލަވައިގަތެވެ. ފަރާތްފަރާތަށް ހެލެމުންދިޔަ ދޯނީގައި ތިބި އެންމެން ހަދާނެގޮތް ހުސްވެފައި ތިބި ކަހަލައެވެ. ނަގަމުންދިޔަ ބިޔަރާޅުތަކުގެ ޝިކާރައަކަށްވެގެން ތިބޭނެ ހިތްވަރެއް ނުލިބުނެވެ. އަހަރެމެން ދަތުރުކުރަމުންދިޔަ ދޯންޏަކީ މަސްދޯންޏެއްކަމުން ހިޔާވަހިކަމެއް ހޯދާނެ މާބޮޑު ޖާގައެއް ނެތެވެ. މެދުއުމުރުގެ އަންހެނުންކޮޅަކަށް ދޯނީގެ ގެގަޑުން ޖާގަ ދިނުމަށްފަހު ދޯނީގައި ދެންތިބި މީހުންތައް ވަތަށް ފައިބަން ފެށިއެވެ.

ދުވާ މަސްވަހުންނާއި، ވަތުގެ އަޑިން އަރަމުންދިޔަ ހޫނުއާވީގެ ވަސްގަނޑު ޖެހުމާއެކު އަހަރެންއޮތް ވަތާ އިންވެގެން ހުރި ވަތުން މީހަކު ހޮޑު ލާއަޑު އިވުނެވެ. ކަންތައް ގޯހުން ގޯހަށް ދާންފެށީ އެހިސާބުންނެވެ. ވަތުގައި ހިފި ނުބައިވަހާއެކު ދެންތިބި މީހުންތަކުގެ ތެރެއިން އެއްބަޔަކު ހޮޑުލާންފެށިއެވެ. އޭރުވެސް އަހަންނާއި އަހަރެންގެ ބައިވެރިން އެއްތަނަކަށް ގުޅަވެގެންތިބީއެވެ. ހީކަރުވާވަރުންނެވެ. އެއްބައިމީހުން ރޯއަޑުވެސް އިވެއެވެ. އެކަމަކު ކުރާނީވެސް ވަކި ކީތްހެއްޔެވެ؟ ދޯންޏަށް ބިންދަމުންދިޔަ ތޫނު ރާޅުތަކުގެ ސަބަބުން މައްޗަށް އަރަންކެރޭ ހަމައެކަކުވެސް ނެތެވެ.

ކުއްލިއަކަށް އިވުނު ބާރުއަޑާއެކު ހީވީ ދޯނީގެ ވަތުން ބައެއް ނައްޓައިގެން ދިޔަހެންނެވެ. ކަންވީވެސް ހަމަ އެހެންނެވެ. ބާރު ސްޕީޑުގައި ފެންތައް އަރަން ފެށިއެވެ. “ބިންދައިގެން އެދިޔައީ އިންޖީނާ އިންވެގެން އިންވަތުން ފިލައެކޭ” މީހަކުބުނަތީ އަޑުއިވުނެވެ. ސަހަރޯހީވީ އެހިސާބުންނެވެ. އެއީ އަހަރެމެން ތިބި ވަތާ އިންވެގެން އިން ވަތެވެ. “މިއަދު މިތިބީ މެޗުބެލިފައޭ” ބުނެ އަހަރެން އޮތްތަނުން ތެދުވީމެވެ. އޭރު ދޯނީގައި ތިބި ފަޅުވެރިން ކޮޅުކޮޅަށް ދުވާތަން ފެނެއެވެ. ހީވާގޮތުން ކޮންމެވެސް ބަޔަކާ ގުޅައިގެން ސަލާމަތްވާނެގޮތެއް ހޯދަމުން ދަނީއެވެ. މާގިނައިރު އެހެނެއް ނުހުރެވުނެވެ. ގާތުގައި އޮތް އަހަރެންގެ އެކުވެރިއަކު ހޮޑުލަވާތީ އުޅެންފަށައިފިއެވެ. ބާލިދީއެއް ނެތިއްޔާ ގަޔަށްވިޔަސް ލާނެކަން އެގުނެވެ. އެހެންހިތާ ބާލިދީއެއްގެންނަން ތެދުވިތަނާ މުޅިގަޔަށް ހޮޑު ދުއްވާލިއެވެ. “ކިހަދެރަކަމެކޭ”ބުނެ އަހަންނަށް އޭނަ ފޮޅާލެވުނެވެ. ވާނީވެސް އެހެންތާއެވެ. އެއޮތް ދުވިވަހަކުން މޭގަނޑު އަތައް ނައީ ހަމަ ކިރިޔާއެވެ.

އެހާލެއްގައި ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރު ވޭތުކުރަން ޖެހުނެވެ. ކުއްލިއަކަށް ތަންކޮޅެއް ކަނޑުމަޑުވިހެން ހީވިއެވެ. ދޯނީގެ ދުވެލި މަޑުވެ އިންޖީނުގެ އަޑު މަޑުވިހެން ހީވިއެވެ. އެވީގޮތެއް ބަލަންވެގެން ހޮޑުން ތަތްތެޅިފައިވާހާލު ވަތުން ބޭރަށް ބޯދިއްކޮށް ބަލާލިމެވެ. ކުޑަކޮށް ހިނިވެސް އައެވެ. އެކަމަކު މިގޮތް މާރަނގަޅޭވެސް ހިތަށް އެރިއެވެ. ފެންނަ ހިސާބުގައި ދޯނީގެ ކައްޕިވެސް ހުއްޓެވެ. ވީ ކީތްތޯ އަހާލުމުން އަތޮޅު ދޯނީގައި ކަފުޖަހައިގެން ރަށަށް ގެނައީކަން އެނގުނެވެ. ތެދެކެވެ. އަހަރެމެންނާއެކު ރަށުފަޅުން ބޭރުކުރި ދޯންޏެއްވެސް އޭރު ފަޅުގައި އަޅާފައި އޮތެވެ.