އަވަސް ނަޒަރަކުން އައިޝަތު ނާޖީ

= އަހުމަދު އަރީފް =

18 އޭޕްރީލް 1966ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން އައިޝަތު ނާޖީ ނުވަތަ އާންމު ނަމުންނަމަ ނާޖީއަކީ ސ.މީދޫ ނާޖީގޭ އިބްރާހިމް ނާޖީއާއި ހަމައެރަށު އަސުރުމާގޭ އާމިނަތު ރާމިޒާއަށް ލިބުނު ދިހަކުދިންގެ ތެރެއިން ތިންވަނަ ކުއްޖާއެވެ. ސ.މީދޫ މަކްތަބުލް އަސްރިއްޔާއިން ގްރޭޑް 5އާ ހަމަޔަށް ތަޢުލީމު ހާޞިލު ކުރެއްވުމަށްފަހު އާއިލާއާއެކު މާލެބަދަލުވީ ރަނގަޅު ތަޢުލީމެއް ހޯދުމުގެ ހެއު ނިޔަތުގައެވެ. އެގޮތުން އިންގްލިޝް ޕްރިޕަރޭޓްރީ ސެކަންޑްރީ ސްކޫލު ނުވަތަ އީޕީ.އެސް.އެސް އިން ގްރޭޑް ދިހައަކާ ހަމަޔަށް ތައުލީމު ހާޞިލު ކުރެއްވިއެވެ.

ކުޑައިރުންސުރެ ލިޔުންތެރިކަމަށް ޝައުގުވެރިކަންހުންނަވާ އަދި މިފަންނުގައި މަސައްކަތް ކުރުމުގެ އުންމީދު ކުރަމުންދިޔަ ނާޖީ އެންމެ ފުރަތަމަ އަދާކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ޖާނަލިސްޓް ޓްރޭނީއެއްގެ މަގާމެވެ. އެމަގާމްގައި ހުންނެވި ދުވަސްވަރުވެސް ނާޖީވަނީ އޭރު ދިވެހިރައްޖޭގައި ނުކުންނަމުންދިޔަ ނޫސްމަޖައްލާތަކަށް ތަފާތު އެކިއެކި ދާއިރާތަކުން ލިޔުއްވުންތައް ލިޔުއްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ އެބޭފުޅާގެ ލިޔުއްވުމެއް ޝާއިރުކޮށްފައިވަނީ 1990ވަނަ އަހަރު ހަވީރު ނޫހުގައެވެ. އިޖުތިމާޢީ މައްސަލައަކަށް ލިޔުއްވި އެލިޔުއްވުން ވެގެން ދިޔައީ އެބޭފުޅާގެ ލިޔުންތެރިކަމުގެ ފަންނުގެ މައިދޮރާށި ހުޅުވިގެންދިޔަ ލިޔުއްވުމަކަށެވެ. ޤަވާއިދުން އެއްވެސް ނޫހަކަށް ނުވަތަ މަޖައްލާއަކަށް ނުލިޔުއްވި ނަމަވެސް އޭގެފަހުން ނާޖީވަނީ އާފަތިސް، މިއަދު، އަދި މީގެ އިތުރުން ދަރުމައަށް އެކިފަހަރުމަތިން ލިޔުއްވުންތައް ލިޔުއްވާފައެވެ. ލިޔުންތެރިކަމަށް ޝައުޤު އުފެދުނީ ކިހިނެއްތޯ ދެންނެވި ސުވާލުގެ ޖަވާބުގައި ހަވީރު ނޫސްފަދަ ލިޔުންތައް ކިޔަމުންގޮސް މީހުންގެ ލިޔުންތައް ފެނި ލިޔާހިތްވީކަމަށް ބުނުއްވާ އައިޝަތު ނާޖީ އެންމެ ލިޔުއްވާ ހިތްވަނީ މުޖުތަމަޢުގެ ކަންތައްތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވާފަދަ ލިޔުއްވުންތަކެވެ.

އާދޭހެވެ! އަމީނިއްޔާ ސްކޫލުގެ ދިވެހި މުދައްރިސެއްގެ މަޤާމުގައި މިހާރު ވަޒީފާ އަދާކުރައްވަމުންދާ ނާޖީއަކީ ހަމައެކަނި ލިޔުންތެރިއެއް ނޫން. އަދި ކިއެއްތަ! މިހާރު އެއީ ޒިންމާދާރު މުދައްރިސެއްގެ އިތުރުން ގެވެހި އަނތްބެކެވެ. އަދި މިހާރު ކުރައްވަމުންދާ އުންމީދަކީ މީހާރަށްވުރެ ގިނައިން ލިޔުންތައް ލިޔުއްވުމެވެ. އަދި އެބޭފުޅާއެކޭ އެއްފަދައިން އެބޭފުޅާގެ ދަރިންނަކީވެސް މިފަންނުގައި ކުރިއަރައިގެންދާނެ ކުދިންނަށް ވުމެވެ.

Advertisements